ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރީ އާއިލީ މައްސަލައަކާ ހެދިގެން ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ވޭޕް މަނާ ކުރީ އާއިލީ މައްސަލައެއް އޮވެގެންނޫންކަން ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅު ބޭފުޅެއްކަމަށެވެ.
“ދެނޯ” ގެ އެއްވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ މުއިއްޒު ވިދާޅުވީ ވޭޕް މަނާކުރުމުގެ ވާހަކަ ވަރަށް ކުރީއްސުރެ ދައްކަމުން އައި ކަމެއްކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ވޭޕް މަނާކުރަން ނިންމެވީ ގިނަ އަދަދެއްގެ ޕެޓިޝަންތައް ލިބުމާއެކު، ކެބިނެޓްގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
“ވޭޕް މި އައީ ދާދި ފަހުން، އޭތި ބޭނުން ކޮށްގެން، ޑްރަގްވެސް އެބަ، އެނގިގެން ވެސް ނޭނގިވެސް، ކުދިން ދޭ، ސްކޫލް ކުދިން، ކުޑަކުދިން، އަޅުގަނޑާއި ހަމަ ޕޭރެންޓުން އެބަހުރި، މެސެޖްކޮށް ހަދާފައި،”
އާއިލާގެ ނަން ބޭނުންކޮށްގެން ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބޭބޭފުޅުންނަކީ “ވަރަށް ވަރަށް ރަނގަޅު، އަހުލާގު ރަނގަޅު ކުދިންތަކެއް” ކަމަށެވެ. އަދި މިފަދަ ގޮތަކަށް އާއިލާގެ ނަން ބޭނުންކޮށްގެން ވާހަކަދެއްކުމަކީ ވަރަށް އުނދަގޫވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
“ވަރަށް ވަރަށް ރަނގަޅުވާނެ! ނަމާދު ކުރާނެ، އަހްލާގު ރަނގަޅުވާނެ! އެއްވެސް ގޯސްކަމެއް މިހާތަނަށް ކޮށްފައެއް ނެތް، ނުވަސް ކުރާނެ، ޔަގީން، ހިތްދަތިވޭ ދެރަވޭ، އެކަމަކު ކެތްތެރިވަން،”.
މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ބެހުމާއި، ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

