ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ސިސްޓަމް، ޕޭޕަލް، ރާއްޖެއަށް ގެނައުމުގައި ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ދެނޯ” ގެ ނަމުގައި ފެށި ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިކަމާމެދު “ވަރަށް އުއްމީދު ބޮޑު” ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ޕޭޕަލް ޕޭ، އެމޭޒަން ޕޭ އަދި ގޫގުލް ޕޭ ރާއްޖެއަށް ތަޢާރަފްކުރުމަށް އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި ޕޭޕަލްގެ މެނޭޖްމަންޓާއެކު ސީދާ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މި މަސައްކަތް ލަސްވަމުންދަނީ އިދާރީ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިއީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެއް ކަމަށާއި، މިކަން ކުރަން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. އަދި ޕޭޕަލް ގެންނަން މި ސަރުކާރުން ނޫނީ މިހާ ބޮޑަށް މަސައްކަތްކޮށް، އެ ވާހަކަ އެހާ ގިނައިން ދެއްކި ސަރުކާރެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

