މާލޭ ގެއެއްގެ ނުވަ ވަނަ ބުރިން ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާ ވެއްޓުނީ މީހެއްގެ ސަބަބުން ނޫންކަމަށާއި، ބެލެވެނީ ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މި ހާދިސާއާއި ގުޅިގެން ރޭ ބޭއްވި ޕްރެސްގައެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ނަމަވެސް މިހާރުވަނީ ވެންޓިލޭޓަރުން ނަގާފައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ބާވަތުގެ ބޮޑެތި ތުހުމަތުތައް އަމާޒުކޮށް ވާހަކަތައް ދަނީ ދެކެވެމުންދާއިރު، ބައެއް ތުހުމަތުތަކުގައި ބުނެފައިވަނީ އޭނާ ކޮއްޕާލައިގެން ފުރާޅުން ވެއްޓުނު ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން ވަނީ އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުނަ ފުލުހުންވަނީ އެ މީހުން ތިބި ގެއާއި އެ އަންހެން ކުއްޖާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ނޫސްވެރިންނަށް ވަނީ ދައްކައިފައެވެ.
ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.

