ދިވެހިރާއްޖޭގައި ދެފުށް ފެންނަ ޖަވާބުދާރީކުރުވަނިވި ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމްކުރުމަށް އަމާޒުކޮށް “ބޯހިޔާވަހިކަމުގެ ބިލު” މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ހާލަތު ދިރާސާކުރުމާއި، މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ހާއްސަ ޕްރޮގްރާމްތައް ހިންގުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ފަރާތްތައް ރެގިއުލޭޓްކުރުމެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތައް އެ މަޝްރޫއުތައް ހިންގަނީ ޒިންމާދާރުކަމާއެކު އަދި ދެފުށްފެންނަ އުސޫލުތަކެއްގެ ދަށުންކަން ކަށަވަރުކުރުމަށްޓަކައި އެފަދަ މަޝްރޫއުތައް ހިންގާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި އެ ފަރާތްތަކުގެ އަސާސީ ޒިންމާތައް ކަނޑައެޅުމެވެ.
ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ސިޔާސަތު ކޮންމެ ފަސް އަހަރަކުން މުރާޖާކުރަން ޖެހޭނެއެވެ. އަދި ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަކީ ކަމާބެހޭ މިނިސްޓަރުގެ ޒިންމާއެކެވެ.
އަދި މި ބިލަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަން ޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ.

