އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ދެކެވޭ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ދޮގުކުރައްވައިފިއެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ޝަމްއާން “ފްރޭމް” ކޮށްފައިވާ ކަމަށް ޝަމްއާންގެ އަންހެނުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޝަމްއާން ބަންދު ކޮށްފައި ހުރީ މިނިސްޓަރ އިހުސާންއާއި ދެމެދު ޖެހުނު ޒާތީ މައްސަލައަކާ ގުޅޭ ގޮތުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ވެސް ވަނީ ސުވާލު ކުރައްވައިފައެވެ.
މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.
ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

