ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރާ ހިސާބުން ދެމަފިރިންގެ ދެމެދުގައި ގިނަ މައްސަލަތައް ޖެހި އެކަކު އަނެކަކަށް ބޭވަފާތެރިވުމަކީ މިމުޖތަމައުގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ހާއްސަކޮށް ދަރިއެއް ލިބޭ ހިސާބުން “ޓްރޫ ލަވް” ހަޤީގީ ލޯބި ފެންނަން ފަށައެވެ. ތިމާގެ ހަޔާތުގެ ބައިވެރިޔާއަކީ “ރައިޓް ޕާސަން” އަށް ނުވާތަން އާދެއެވެ. މިގޮތަށް ކަންތައްތައް ދިމާވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.
ބައެއް ފިރިހެނުންގެ ނަޒަރުގައި މީހަކާއިދެގެން ގެޔަށް ގެނައުމުން އެހިސާބުން ގެ ބަލަހައްޓާ ދަރިން ލިބުމުން ދަރިންގެ ޒިންމާ ނަގާ އަނބިން ތިބެން ޖެހޭނީ ގޭގައެވެ. އަބިންނަކީ ގޭގެ ޒީނަތެކެވެ. ރައްޓެހިވެގެން އުޅޭއިރު އުޑުން ތަރި ގެނެސްދިނަސް ކައިވެނި ކުރެވުމުން އެހިސާބުން އުޅުމަށް ވަރަށް ގިނަ ބަދަލުތަކެއް އައިސް ގިނަ ފަހަރަށް އަނބިމީހާ ދިމާލަށް ބަލާލާނެ ވަގުތެއް ފިރިންނަށް ނުލިބެއެވެ.
އެނގިގެން ނުވަތަ ނޭގިނަމަވެސް، ދޭންޖެހޭ ސަމާލުކަމާއި، އަޅާލަންޖެހޭވަރަށް އަޅާނުލެވުމުގެ ސަބަބުން ދެމީހުންގެ މެދުގައިވާ ގުޅުން ހީނަރުވެ އަންހެންކުއްޖާ، ފިރިހެންކުއްޖާ ދޫކޮށް އެހެން މީހަކު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިހުތިޔާރުކުރެއެވެ. ހަމއެގޮތަށް އަނބިންގެ ފަރާތުން ލިބެންޖެހޭ ވަފާތެރިކަމާއި ލޯތްބާއި އަޅާލުން ކުޑަވުމުގެ ސަބުން ފިރިހެނުންވެސް ފޫހިވާގޮތްވެއެވެ. ބައެއް ފިރިހެނުން ހިލޭ އަންހެނުން ކައިރިޔަށް ދަނީ އެއީ ޓްރެންޑެއް ކަމަށް ދެކި ތިމާގެ ކާމިޔާބުކަން މީހުންނަށް ދެއްކުމަށްޓަކައެވެ.
އެގޮތުން މިލިޔުމަގައި މިބަލާލަނީ އަނބިން ހިލޭ ފިރިހެނުން ގެންގުޅެންޖެހޭ ބައެއް ސަބަބުތަކަށެވެ.
ޝަކުވާތަކަށް ބީރުކަންފަތެއް ދިނުން
އަންހެނުންނަކީ އަބަދުވެސް ޝަކުވާ ގިނަ ބަޔެކެވެ. ހާއްސަކޮށް ފިރިމީހާ ގެޔަށް އައުމާއެކީ ޝަކުވާ ކުރުމަކީ ވަރަށް ގިނަ އަންހެނުން ކުރާ ކަމެކެވެ. ބައެއް ފިރިހެނުން މިފަދަ ޝަކުވާތައް ވަރަށް ކަނުލާ އަޑުއަހައި އެއަށް އަމަލުކުރެއެވެ. އަނެއްބައި ފިރިހެނުން އެޝަކުވާތައް އަޑުއެހުމުގެ ބަދަލުގައި އަނބިމީހާ އާ ޒުވާބުކޮށް ހަދައެވެ. އެހެންވުމުގެ ސަބަބުން އެޝަކުވާތައް ހިފައިގެން މިދެވެނީ ހެޔޮއެދޭ ރައްޓެއްސެއްގެ ގާތަށެވެ. އެގޮތަށް ކަންތައް ދިމާވުމުން ތިމާގެ ފިރިމީހާއަށްވުރެ އެމީހުންވެސް މާ އަންޑަސްޓޭންޑިންގ އަދި މާ ކެއަރިންގ ކަމުގައި ޤަބޫލުކުރެވެއެވެ. އެހިސާބުން ފިރިމީހާ އާއި އޮންނަ ގުޅުން ހީނަރުވާން ފަށައެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގެ ވާހަކަ އެމީހެއްގެ ކައިރީ ކިޔައިދިނުމުގައި އަބަދު ފޯނު އަތަށް ލައިގެން އުޅޭތަން ފެނެއެވެ.
ވަގުތު ނުދިނުން
ދެމަފިރިންގެ ދިރިއުޅުމަށް ކުރާ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެންޖެހޭ ފަހަރުވެސް ދިމާވާނެއެވެ. އެހެންނަމަވެސް އަނބިމީހާއަށް ވަގުތުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް ވަގުތު ހޯދައިގެން އަބިންނާއެކީ ހީ ސަމާސާކޮށް ހެދުމަކީ ގުޅުން ބަދަހިވާ ކަމެކެވެ. އެހެންނަމަވެސް ބައެއް ފިރިން ދެކޭގޮތުގައި އެގޮތަށް ވަގުތު ހޯދައިގެން މަޖާކުރާނީ ރައްޓެހިވެގެން އުޅޭ ދެމީހުން އެކަންޏެވެ. އިނދެގެން އުޅޭއިރު ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ވަގުތެއް ވެއްޖެނަމަ ދެމީހުން އެކުގައި ވަގުތު ހޭދަކުރުމުން އެކަން ނިމުނީ ކަމަށެވެ. އެހެންނަމަވެސް ކަން އޮތީ އެހެނެއް ނޫނެވެ. ފިރިންގެ ފަރާތުން ނުދެވޭ ވަގުތު އަންހެނުން މިހޯދަނީ އެކުވެރިންނާއެކު ބޭރަށް ގޮސް މަޖާކުރުމުގައެވެ. އެހެން އުޅުމުގެ ތެރޭގައި އެހެން ފިރިހެނުންގެ ފަރާތުން ތައުރީފާއި އެޓެންޝަން ލިބި އަންހެނުންގެ ހިތް އެބުރޭގޮތްވެއެވެ.
އެކަކު އަނެކަކަށް ދަސްނުވުން
އެކަކު އަނެކަކަށް ދަސްކުރުމަކީ ބާއްޖަވެރި ހަޔާތެއްގައި އެންމެ މުހިންމު އެއްކަމެވެ. އެކަކު އަނެކަކު ދަސްނުވެ ކުރާ ކައިވެނި ލޯމަރާލާފައި ހުޅުވާއިރު އޮންނާނީ ރޫޅިފައެވެ. ގިނަ ފަހަރު ރައްޓެހިވެގެން އުޅޭއިރު ފިރިހެނުންގެ އަސްލު ސިފަ ނުދައްކާނެއެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާ ގެއްލިދާނެތީ ބިރުން އޭނަގެ ގައިގައި ހުންނަ ނުރަނގަޅު ސިފަތަކުގެ ވާހަކަ ކިޔައިނުދޭނެއެވެ. އެހެންނަމަވެސް ކައިވެނި ކޮށްގެން އެކުގައި ދިރިއުޅެން ފެށުމުން އެހުރިހާ ކަންތައްތަކެއް އެގެން ފަށައެވެ. އެހިސާބުން އަންހެނުން ފޫހިވާން ފަށައެވެ.
ދޭންޖެހޭ ސަމާލުކަން ނުދިނުން
މިއީވެސް ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އަންހެން ކުދިންނަކީ އަބަދުވެސް ތައުރީފް ބޭނުންވާ ބައެކެވެ. ރައްޓެހިވެގެން އުޅޭއިރު ފިރިހެން ކުއްޖާގެ ފަރާތުން ވަރަށް ތައުރީފްގެ ބަސްތައް އަންނާނެއެވެ. ބައްދަލުކުރަން ދާއިރު ލައިގެން ހުންނަ ހެދުން ރީތި ވާހަކަ، ރީތިވެގެން ނުކުތުމުން “މިއަދު ހާދަ ރީއްޗޭ” ބުނެލައެވެ. މިފަދަ ބަސްތަކުން އަންހެން ކުދިންގެ ހިތް އުފަލުން ފޮޅިގެންދެއެވެ. އެހެންނަމަވެސް ކައިވެނި ކުރުމަށްފަހު އަނބިމީހާ ރީތި ހެދުމެއް ލިޔަސް، ރީތިވެގެން ނުކުތަސް އަދި މީރު ކާއެއްޗެއް ތައްޔާރުކޮށްދިނަސް ތައުރީފުގެ ބަހެއް ނުލިބެއެވެ. އެތައުރީފް މިލިބެނީ ވަޒީފާގެ މާހައުލުގައި އުޅޭއިރު ސްޓާފުންގެ ފަރާތުން ނުވަތަ ރައްޓެހިންނާއެކު އުޅޭއިރު ބޭރުތެރެއިންނެވެ. އެސަމާލުކަން ފިރިންގެ ފަރާތުން ނުލިބެން ފެށުމުން އަންހެނުން އެސަމާލު ހޯދަން އުޅުމުގެ ބަދަލުގައި އޮޔާމިދަނީ އެތައުރީފް ކުރާ ހިލޭ ފިރިހެނުންނާ ދިމާލަށެވެ.
މިގޮތަށް ކަންތައްތައް ދިމާވުމުން އަބަދުވެސް ކުއްވެރިވެގެން އަންނަނީ އަންހެނުންނެވެ. އެއީ އެއްވެސް އުޅުމެއް ނެތް ބޭވަފާތެރިއެކޭ، ލަދު ހަޔާތެއްނެތް ވިޔާނުދާ އަންހެނެކޭ ބުނެ ރަށުތެރެޔަށް ބަދުނާމްވެގެންދެއެވެ. ހަޤީގަތަކީ އަންހެނުން އޮޔާ ދާންޖެހެނީ ފިރިންގެ ސަބަބުންކަން އެއްވެސް ބަޔަކު ޤަބޫލުކުރަން ބޭނުން ނުވާ ކަމެވެ. ފިރިހެނުން އެހެން އަންހެނުންނާ ވާހަކަދައްކާ ހިލޭ އަންހެނުންނާ ގުޅުން ބޭއްވިޔަސް ފިރިހެނުން ކުއްވެރިނުވެއެވެ. އޭގަވެސް ކުއްވެރިވަނީ އަންހެނުންނެވެ. އަނބިމީހާގެ ފަރާތުން ލޯބިނުލިބޭތީ އެހެން އަންހެނުން ކައިރިޔަށް ދަނީއޭ ބުނެ އަންހެނުން ކުށްވެރިކުރެއެވެ.
ދިރިއުޅުން ބާއްޖަވެރިކޮށް އާރާސްތުކުރަން ބޭނުންނަމަ ތިމާގެ އަނބިމީހާއަކީ ތިމާގެ ލޯބިވެރިޔާ ކަމަށް ދެކިގެން އަބިމީހާގެ ޝަކުވާތައް އަޑުއަހާ ހެޔޮލަފާ ފިރިއަކަށް ވާށެވެ. ދިރިއުޅުމުގެ ކަންތައް އެހެންމީހުންނާ ޝެއަރކުރަން ވެއްޖެނަމަ އެކަން ވެގެންދާނީ އެދިރިއުޅުން ފުޑުފުޑުކޮށްލަން އަޅާ ފުރަތަމަ ފިޔަވަޅުކަމުގައެވެ. ރުއްސައިގެން އަނބިންނަށް ސަމާލުކަން ދީގެން ގެންގުޅޭށެވެ. އެހެނީ އެއީވެސް މީހެއްގެ ދަރިއެކެވެ. އެއްވެސް މީހަކު އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް މެދުވެރިވާކަށް ނޭދޭނެއެވެ. މާދަމާ ތިދެމަފިރިންނަށްވެސް އަންހެން ދަރިޔަކު ލިބި އެދަރިފުޅުގެ ހަޔާތް ބަނަވެގެން ދާކަށް ތިދެމަފިރިންވެސް ނޭދޭނެއެވެ. އެހެންވިއްޔާ ފުރަތަމަ ތިމާގެ އަނބިމީހާއަށް އިހާނެތިކޮށް ނުހިތާށެވެ.

