ސިއްޙީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތައް އެދެވޭ ބަދަލެއް ގެނެވޭނީ މި ދާއިރާއިން މީހުން ތަމްރީން ކޮށްގެން ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރެވޭނެ ދާއިމީ އިންތިޒާމެއް ޤާއިމުކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މިދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ އެންމެ ބޮޑު އަމާޒުކަމަށާއި، މި ދާއިރާއިން ތަމްރީނުވެފައިތިބި ދިވެހިންގެ އަދަދު މަދުކަމުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވަނީ ބިދޭސީ މުވައްޒަފުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތައް އެދެވޭ ބަދަލެއް ގެނެވޭނީ މިދާއިރާއިން މީހުން ތަމްރީން ކޮށްގެން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ އަމާޒަކީ ހެލްތު ސެކްޓަރގެ އިންފްރާސްޓްރަކްޗަރ އަށް ކުރާ ޚަރަދާ އެއްވަރަށް ނޫނީ އެއަށްވުރެ ބޮޑަށް މީހުން ތަމްރީން ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

