ރާއްޖޭގައި ހިންގި ފުރަތަމަ ރޭޑިއޯގްރާފަރުން ތަމްރީނު ކުރުމުގެ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފިއެވެ.
މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ވިލާ ކޮލެޖުގައެވެ.
ޑިޕްލޮމާ އިން ރޭޑިއޯގްރަފީ މިކޯހަކީ އެސްޓީއޯ އާއި ޖީއީ ހެލްތު ކެއަރ ގުޅިގެން 2022 ވަނަ އަހަރު ފެށި ކޯހެކެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވަނީ މިކޯސް ނިންމި ދަރިވަރުން މަސައްކަތު މާހައުލުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމްވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
މިކޯހުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމެވެ.
މިކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ، 2 އަހަރުގެ ތިއަރީއާއި 6 މަސްދުވަހުގެ ޢަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ.
އެސްޓީއޯއިން ވަނީ މި ކޯސް ކާމިޔާބު ކަމާއެކު ހިންގިފައިވާކަން ފާހަގަކޮށްފައެވެ.
އެސްޓީއޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަރޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާއިރު، ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ ޕޮކެޓްމަނީއެއް ވެސް ވަނީ ދީފައެވެ.
އެސްޓީއޯއަކީ ޖީ.އީ ހެލްތްކެއަރގެ ގިނަ އަދަދެއްގެ އުފެއްދުންތައް ރާއްޖެއަށް ގެނެސްދޭ ކުންފުންޏެއް ކަމަށްވުމާއެކު، އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ. ޖީ.އީ ހެލްތްކެއަރއާ ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

