ޒުވާން ޚަޠީބުންނާއި، އިމާމުންނާއި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މިއަދު ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވި މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަތީފްގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، މި ބައްދަލުކުރެެއްވުމުގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ އިމާމުންނާއި، ޚަޠީބުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
40 އަހަރަށްވުރެ ގިނަ ދުވަހަށްފަހު މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ކުރައްވާ މި ޒިޔާރަތަކީ،އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެ ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ހާއްސަ ދަޢުވަތުގައި ކުރަައްވަވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. ހަމައެއާއެކު، މާދަމާ ޖަމާއަތުގައި އިޝާ ނަމާދު ކުރެއްވުމަށްފަހު އެމަނިކުފާނު ހާއްސަ ދަރުހެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

