އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި ރޭ މާލޭގައި މުޒާހަރާކޮށްފިއެވެ.
އުމުރުން 21 އަހަރުގެ ޔުމްނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މި މަހުގެ 18ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން 22 ވާ އަންގާރަ ދުވަހުގެރޭ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާ އެކަން ހިނގިކަމަށް ފެންނަ ގިތް ވަނީ ކިޔާދީފައެވެ. އަދި އެ ކުއްޖާގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެެއްގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވެއްޓުނުއިރު ޔުމްނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ރޭޕްކޮށް އިމާރާތުން ބޭރަށް ވައްޓާލި ކަމަށް ތުހުމަތު ކުރިޔަސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޔުމްނާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.

