ނ. މާޅެންދޫގައި ހުރި ފަޅުގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން ހޯދައިފިއެވެ.
މިއީ ނ. މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މާޅެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެކެވެ.
މިމަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާޅެންދޫ ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 20.4 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ރާއްޖޭގައި މަސްތުވާތަކެތި ވިއްކައި އެއިން އާމްދަނީ ހޯދާ މީހުން ވެސް މިވަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

