ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން އެ މަގާމުން މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.
އަދި މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ޒުވާނުންގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ހީނާ ވަނީ އެކަން ވެސް ހާމަކުރައްވާފައެވެ.
އިޒްދިޔާން އެ މަގާމުން ވަކިކޮށްފައިވަނީ އެ މަގާމުން އޭނާ ވަކިކުރުމަށް ގިނަ ބަޔަކު ގޮވައިލަމުން ދަނިކޮށްނެވެ. އޭނާ ވަކިކުރަން ގޮވައިލީ މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި އޭނާގެ ކޮއްކޮ ޝާމިލުވާތީއެެވެ. އަދި އެ ކަމުގެ ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެއެވެ.

