ގާނޫނު ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި ގެެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނާ ރަޝީދުގެ ހާދިސާއާއި ގުޅިގެން ސިޔާސީ މަގާމެއްގައި ތިބި ބަޔަކާ ގުޅުން އޮތް ކަމަށް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތަފާތެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ޔުމްނާ ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. އެ ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގެ ގެއެވެ.
އެ މަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ ނަސަބަކަށް ނުވަތަ މަގާމަކަށް ނުވަތަ މުއްސަނދި ކަަމަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައިގެން ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ އެންމެންގެ ވަނަވަރު މިއަދު ވަނީ ހާމަކޮށްފައެވެ. އެއީ އައިޝަތު ލަޔާލީ އިޤްބާލު، ކ.މާލެ، ގ.ނޯތުބްރީޒް ޔޫސުފް ޣައްސާރު އަބްދުލްޣައްފޫރު، ކ.މާލެ، ހ.ހީނާޒް، ޔޫސުފް އަހުމަދު އަކުރަމް، ކ. މާލެ، މއ. މާންދޫގެދެކުނުގެ، ހުސައިން ހަލީސް އަލީ، ނ.ވެލިދޫ، އަވި، އާމިނަތު ޖުނެއިިނާ ޖަމްޝީދު (ނާނާ)، ޅ.ތިލަފަޅު، އިޒްދިޔާން މުހައްމަދު މައުމޫން، ކ.މާލެ، މއ. މާންދޫގެދެކުނުގެ، އަދި އިޖާޒް ޖާއިޒް، އޭޕްރީލް، ގދ.ފަރެސްމާތޮނޑާއެވެ.

