މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އޭނާ އާއެކު އެގޭތެރޭގައި ހަރަކާތްތެރިވި އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް، ހައްޔަރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިސަލް “ހުވަދޫ މީޑިއާ” މައުލޫމާތުދެމުން ވިދާޅުވީ ރައުދު އަހުމަދު ޒިލާލް، ހައްޔަރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަމަށާއި، އަދި އިތުރު އަޕްޑޭތައް ލިބޭ މިންވަރަކުން މީޑިއާތަކަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ފުރަތަމަ ވެސް ޕާސްޕޯޓު ހިފެހެއްޓީ ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދު އަހުމަދު ޒިލާލްގެ އެކަންޏެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ރައުދު އަދި ޔުމްނު ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައެވެ. ޕާޓީއަށްފަހު އެރޭ ދަންވަރު އެމީހުން އެގެއިން ނުކުމެ، ކަށިވެލިގެއަށް ވަދުމަށްފަހު ރައުދު އަދި ޔުމްނު ދިޔައީ ފެންޓެނޯއީ އަށެވެ. އެއީ އެމީހުންނާ ގުޅުން ހުރި ގެއެއް ނޫނެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެރޭ އެ އަންހެން ކުއްޖާ ވެއްޓުނު ގޭތެރޭގައި އެ ކުއްޖާ އާއި އިތުރު ފިރިހެންކުއްޖަކު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ވެސް ނޫސްވެރިންނަށް ދައްކާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވިދާޅުވިގޮތުގައި، މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށެވެ. އަދި އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

