ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެެވެ.
އެގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އަދުނީ، އިބްރާހީމް ރަޝީދު (40އ) އާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ކުދިމާގެ، ސަފިއްޔާ މުޙައްމަދު (41އ) އެވެ.
މިދިޔަ އަންގާރަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ 108.96 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ 15 ދުވަސް، އަދި އަންހެން މީހާ ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

