ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު މިދިޔަ ހަފްތާގައި ވެއްޓުނު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރާއިއެކު ސީސީޓީވީ ފޫޓޭޖްތައް ފުލުހުން އާންމުކުރުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެގޮތުން، އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވާ ގޮތުން، ގ.ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު ފުރާޅުމައްޗަށް ވެއްޓުނު ހާދިސާ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި، މި މައްސަލައިގައި ފުލުހުންގެ އިހުމާލުތަކާއި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަކީ ދައުލަތުގެ އިސްފަރާތްތަކެއް ކަމަށް ތުހުމަތުކޮށް، ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި އާންމުން ކުރަމުންދާތީ އެޗްއާރުސީއެމުން ކުރާ ތަހުގީގުގައި އެކަންކަމަށް ރިއާއަތް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު، މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި ފުޓޭޖްތަކުގެ ސަބަބުން އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވާކަން ފާހަގަކޮށް، އެޗްއާރުސީއެމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އާއިލާގެ ފަރާތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކޮމިޝަނުން މަސައްކަތްކުރިކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ އާއިލާގެ ބަހެއް މިއަދު ލިބިފައިވާކަމަށާއި އާއިލާއިން ވަނީ ފުލުހުންނާއި އެހެނިހެން ކަމާއި ގުޅުންހުރި އިދާރާތަކުގެ މަސައްކަތާއިމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ކަމަށްވެސް އެޗްއާރުސީއެމުން ވިދާޅުވެއެވެ.
އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެ ވަށާޖެހޭ ފުރިހަމަ އަދި ނަޒާހަތްތެރި ތަހުގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތް ކޮމިޝަނުން މޮނީޓަރ ކުރަމުންދާނެކަމަށްވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

