މިދިޔަ ހުކުރު ދުވަހު ހެންވޭރު ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ ހައްވާ ޔުމްނާ ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުންގެ އިހުތިޖާޖު މިރޭ ވެސް ފަށައިފިއެވެ.
މިރޭ މާލޭގައި އިހުތިޖާޖު ކުރަމުން ދަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރާ ޒުވާނުންނާއި ޓެކްސީ ޑްރައިވަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީންނެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަމުން ދަނީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގޭ ދޮށުގައެވެ. އެމްޑީޕީން މުޒާހަރާ ކުރަމުން ދަނީ މާލޭގެ މަގުތައް މަތީގައެވެ. ޒުވާނުން މުޒާހަރާ ކުރަމުން ދަނީ މަޖީދީ މަގުގައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ވަނީ އެރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައެވެ.
މިއަދު ފުލުހުން ވަނީ އަނެއްކާވެސް ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ފުލުހުން ވަނީ ހ. ފެންޓެނޯއީ ގައި ޔުމްނާ އާއި ރައުދު އުޅުނު މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށްފައެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރާ މުޒާހަރާއަކީ ޒުވާނުން މުޒާހަރާކުރި ދެ ވަނަ ރެއެވެ. ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެއްލިފައިވާކަމަށް ބުނެ ޒުވާނުން އަންނަނީ ފާޑުކިޔަމުންނެވެ.

