މިދިޔަ ހުކުރު ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނާ ރަޝީދު ވެއްޓުނު ހާދިސާއަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެފަދައިން، ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނިކުމެ އެކުދިން މިސް ޔޫސް ކުރަމުންދާ ދިއުން ލޯ ހުޅުވާ ބަލަން އެބަޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ޒުވާން ކުދިން އެމަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެންކަމަށެވެ.
ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ދޭ މުއައްސަސާއެއްގެ އަގު ވައްޓާލަން ބަޔަކު ކުރާ މަސައްކަތަށް، ރައްޔިތުންގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދޭން ވެސް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ރައީސް އިތުރަށް ވަނީ ފުލުހުންގެ ވާޖިބާއި މަސްޢޫލިއްޔަތަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި، މި ސަރުކާރުގެ ވެރިކަމުގައި ފުލުުހުންގެ ފަރާތުން އިހްލާސްތެރި ހިދުމަތެއް ފެންނާނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.
ފުލުހުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާ ކަމަށާއި ފުލުހުން ކުރާ މަސައްކަތްތައް މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް އެނގެން އެބަ ޖެހޭ ކަމަށާއި، ރައްޔިތުންނާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އިތުބާރު އިތުރުކުރުމަށް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ގެންގުޅޭ އުސޫލުތައް ބަދަލުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

