ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިލިއަނަކަަށްވުރެ ގިނަ ސިނގިރޭޓް އިއްޔެ ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ވިދާޅުވެފައިވާ ގޮތުގައި މި ސިނގިރޭޓް ނައްތާލާފައިވަނީ ކ. ދޫނިދޫގައި ކަމަށާއި ނައްތާލާފައި ވަނީ 1،359،180 ސިނގިރޭޓް ކަމަށެވެ.
މިތަކެއްޗަކީ ގަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަނެފައިވާ ތަކެތި ކަމަށް ކަސްޓަމްްސް އިން މައުލޫމާތުދެއެވެ.
މިއީ ކަސްޓަމްސް ޤަވާއިދުގެ 422ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ ގަވާއިދާއި ޚިލާފް މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.
މީގެ 4 ވަރަކަށް ދުވަސް ކުރިން ގަވާއިދާއި ޚިލާފަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން ވަނީ ގަން އިންޓަނޭޝަނަލް އެއަޕޯޓުން އަތުލައިގަނެފައި ކަން ފާހަގަކޮށްލެެވެއެވެ.

