ހުޅުމާލެ ދެވަނަ ފިޔަވަހީގައި 55،000 އަކަފޫޓަށް ވުރެއް ބޮޑުތަނެއްގައި ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ތަރައްޤީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ނާސަރީ އަކީ އާންމުންނަށް ވަދެވޭގޮތަށް ހަދާ މި ނާސަރީގައި މީޓީން ރޫމަކާއި ލެބޯޓަރީއެއް ހުންނާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މިއީ ފަސް މިލިޔަން ގަސް ހެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
މިތަން ތަރައްޤީކުރާނީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށްކަމަށާއި މިތަނަކީ ހިތްގައިމު ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެކަމަށާއި، މި ނާސަރީގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަކީ އަމާޒެއްކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ފަސް މިލިޔަން ގަސް ހެއްދުމުގެ ޕްރޮގުރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ.

