ގދ. ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ.
މި ސަރޖަރީ ހަދާފައިވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕްގައެވެ.
މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ.
މި ޓީމުގައި ހަރަކާތްތެރިވާ ޑރ. އުބެއިދުﷲ ވިދާޅުވީ އެޓީމގެ ދަށުން ހޮސްޕިޓަލުގައި އެފަދ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު ސާރޖަރީ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއީ ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ހިންގާ ކޭމްޕެކެވެ.
މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ އެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެއެވެ.
ޑޮކްޓަރުންގެ ޓީމަކީ ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ، އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ ޢުބައިދު، ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު، އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން، ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ، ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑޮކްޓަރ އަބުދުﷲ އަދްޡަރު އަދި ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދުއެވެ.

