ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޒުވާނުންގެ ކަންކަމުގައި މަޝްވަރާ އާއި ހިޔާލު އެރުވުމުގެ ގޮތުން އުފައްދާފައިވާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން އަނެއްކާވެސް އިތުރު ދެ މެމްބަރަކު އިސްތިއުފާ ދީފިއެވެ.
އެންމެ ފަހުން އިސްތިއުފާ ދީފައިވަނީ ޤައުމީ ނެޓްބޯޅަ ކުޅުންތެރިޔާ އާމިނަތު ރަބާބް އާއި ނިމާލް ޙަމީދުއެވެ.
މި ކޮމިޓީން ހުވައިނާ މުޙައްމަދު ނިހާދު (ހުވޭ) ވެސް އިއްޔެ ވަނީ އިސްތިއުފާ ދީފައެވެ.
އެ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލް ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ވަނީ އޭނާ އެ ކޮމިޓީން ވަކިކުރައްވައިފައެވެ. ދާއޫދަކީ މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގެ ގެއެއްގެ ފުރާޅުމަތިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނާ ރަޝީދުއާއެކު އެރޭ އުޅުނު ފިރިހެނާ ކަމަށްވާ ރައުދު އަޙްމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ޔުމްނާ ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރައުދު ބުނެފައިވެއެވެ.

