މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގައި ހުރި އުސް އިމާރާތަކުން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާ ރަޝީދު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ މެދުގައި ފެށުނު މުޒާހަރާތައް ތިން ދުވަހަށް ދިގުދެމިގެން ގޮސްފައިވާއިރު، ރޭގެ މުޒާހަރާގައި ޒުވާނުން ސަރުކާރަށް 9 ޑިމާންޑެއްކޮށްފިއެވެ.
ރޭގެ މުޒާހަރާއަށް އެތަކެއް ޒުވާނުންނާއި އާންމުން ބައިވެރިވެފައިވާއިރު، އެމީހުންވަނީ ނުވަ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އެ ޑިމާންޑުތަކަކީ؛
- ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
- މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
- ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
- ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
- ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
- ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
- ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
- ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
- ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އަމާޒުވެފައިވާއިރު، ޔުމްނާ ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ އިއްޔެ ބުނެފައެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.
ސިލްސިލާކޮށް ކުރިޔަށްދާ މި މުޒާހަރާތައް ބޮޑުވަމުންދާތީ ސަލާމަތީ ބާރުތަކުން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

