ޑޮކްޓަރަށް ދެއްކުމުގެ ކިއު ކުޑަކުރުމަށް، އައިޖީއެމްއެޗްގައި އޯޕީޑީގެ ހިދުމަތް ހަވީރު ވެސް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުމަކީ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ ކިއު ބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބު ކަމަށާއި ބެޑު ނެތުމުގެ ސަބަބުން ބައެއް އޮޕަރޭޝަންތައް ލަސްކުރަންޖެހޭ ކަމަށް ވެސް މިނިސްޓރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މިކަން ހައްލުކުރުމަށް މިހާރުވެސް 75 އެނދު އިތުރުކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ަސަރުކާރުން މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިޔު ކުޑަކުރުމަށްޓަކައި އާމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް 4 ޖެނެރަލް ޕްރެކްޓިސް ކްލިނިކް މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މީގެއިތުރަށް ވިދާޅުވީ ސަރުކާރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރީޖަނަލް ހޮސްޕިޓަލުތަކުގައި ސަބް ސްޕެޝަލިސްޓުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.

