މިމަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު، ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާ ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ، މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެދި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
އިއްޔެ ފެށުނު މި ޕެޓިޝަނުގައި މިހާތަނަށް 6300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.
މި ޕެޓިޝަނުގައިވަނީ މި މައްސަލައިގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރެއެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ މިއީ އެކްސިޑެންޓެއްކަމުގައި ބުނެފައިވީ ނަމަވެސް މިހާރު މި މައްސަލައިގައި އިހުމާލުތަކެއްވާކަމުގެ ހެކިތައް އެބަހުރިކަމަށާއި، މި މައްސަލައިގައި ކަމާއި ގުޅުން ހުރި ފަރާތްތަކުން ތަހުގީގުކުރުމުގައި ނާކާމިބުވެފައިވާއިރު މައްސަލައިގައި ހަގީގަތް ސިއްރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި ޕެޓިޝަނުގައި ވަނީ ބުނެފައެވެ.
ޕެޓިޝަނުގައި އދ. އިން މި މައްސަލަ މިނިވަން ގޮތެއްގައި ތަހުގީގުކޮށްދިނުމަށް ގޮވާލާފައިވެއެވެ. އަދި ސީސީޓީވީ ފޫޓޭޖްތަކާއި، ހޮސްޕިޓަލުގައި ޔުމްނުއަށް ފަރުވާދިނުމުގައި އަމަލުކުރަމުންދާ ގޮތް ބެލުމުގެ އިތުރުން، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން މި ހާލަތު މޮނިޓަރކޮށް، އިންސާފު ހޯދައިދިނުމަށް ބާރުއެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

