މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފި އެވެ.
އޭނާގެ އާއިލާއިން ބުނި ގޮތުގައި ދަތުރުފަތުރާއި ބޭސްފަރުވާގެ އެންމެހާ ޚަރަދުތައް ހަމަޖައްސައި ދޭނީ ސަރުކާރުންނެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދިނުމަށް ޕަވަރ އޮފް އެޓާނީ ދީފައިވާ މޫމިން މައުމޫން ބުނި ގޮތުގައި، އެންމެ އަވަހަށް ފުރެން އޮތީ މި މަހުގެ 28 ގައެވެ. ނަމަވެސް ޗާޓަޑް ފްލައިޓެއް ހަމަޖެހިއްޖެނަމަ މާދަމާ ވެސް ފުރަން ޖެހިދާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ޔުމްނުގެ ހާލު އަދިވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ކުރިން ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ އިތުރު މައުލޫމާތެއް އާއިލާއިން ހާމައެއް ނުކުރެ އެވެ.
ޔުމްނު ވެއްޓިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. މި މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިހާދިސާއާ ގުޅުން އިތުރު ހަތް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެެ.

