ކުށްކުރާ ނެޓުވޯކުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނާއި އެކި ކަހަލަ ބޮޑެތި ކުށްތައްކުރާ ގުރޫޕުތައް އުފެދި އެ ގުރޫޕުތަކަށް ކުޑަކުދިން ވައްދައި އެ ގުރޫޕުތަކުގެ އިސް މީހުންނަށް މަންފާވާ ގޮތަށް ކުޑަކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންކަން ފާހަގަކުރައްވާފައެވެ.
އަދި އެ މައްސަލަ ހައްލުކުރުމަށް މިދައުރުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރެވިގެންދާއިރު މި މައްސަލަތަކަށް ހައްލު ގެނައުމަށް ތަފާތު ކަމަކަށް މަސައްކަތެއް ފެށިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ކުށްކުރާ ނެޓުވޯކުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފަށާފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން، ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހަކު ހޯދައި 121 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
“މި ނެޓްވޯކުގެ ބޮޑުންގެ ގޮތުގައި ބެލެވުނު ދެ މީހުންގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި، މި ދެ މީހުން ކުށްކޮށްގެން ހޯދި ފައިސާތައް ހަރަދުކޮށްގެން ގަނެފައިވާ އަގުބޮޑު މުދާތައް ދައުލަތަށް ނަގައިދުނުމަށް ވަނީ އެދިފައި. މި ދެ މީހުންގެ އެކައުންޓުގައި ފަސްދޮޅަސް މިލިޔަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުރުކޮށްފައިވޭ.” ކޮމިޝަނަރ އޮފް ޕޮލިސް
އަދި މާލެއަށް ނިސްބަތްވާ ގުރޫޕެއްގެ ފައިނޭންޝިއަލް ތަހުގީގު ނިމިމި ނެޓްވޯކުގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލަން ފަށާފައިވާ ކަމަށާއި ޖުމުލަ 11 މީހުން އެކުލެވޭ މި ނެޓްވޯކުގެ 64 މިލިޔަން ރުފިޔާ ދައުރުކުރި ގޮތް ތަހުގީގުކޮށް އެ ފައިސާތަކަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ސްކޭމާއި ސައިބަރގެ މައްސަލަތައް އިތުރުވަމުންދާތީ އެ މައްސަލަތައް ބަލާނެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ސީޕީ ވަނީ ރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މިފަދަ ކިތަންމެ ކަމެއް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
ސައުވީސް ގަޑިއިރު ޚިދުމަތްދެވޭ ގޮތަށް ސްކޭމް ސެންޓަރެއް ގާއިމުކޮށް މަސައްކަތް ކުރެވެމުންދާ ކަމަށާއި ސައިބަރ އޮޕަރޭޝަން ސެންޓަރަކާއި ސައިބަރ ކްރައިމް އިންވެސްޓިގޭޝަނަށް ހާއްސަ ތަނެއް އުފައްދައި ހިދުމަތް ފަށާފައިވާ ކަމަށްވެސް ސީޕީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

