ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސްވެރިޔާ، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މި ނިންމެވުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ފުލުހުންގެ އިސްވެރިންނަށް އަންގަވާފައެވެ.
ސީޕީ ޝުޖާއުގެ މި ނިންމެވުން ނިންމެވީ މިމަހުގެ 18 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދަނިކޮށެވެ. އެއީ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނާގެ މައްސަލައެވެ.
މި މައްސަލައިގައި ފުލުހުންގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ، ޒުވާނުން ވަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައެވެ. މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުންދަނީ މި މައްސަލައިގެ ތަހުގީގު ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.
ނުވަވަނަ ފަންގިފިލާއިން ވެއްޓުމުގެ ސަބަބުން ހައްވާ ޔުމްނާއަށް ވަނީ ނުރައްކާތެރި އަނިޔާތަކެއް ލިބިފައެވެ. މި ވަގުތު ސަރުކާރުގެ އެހީތެރިކަމާއެކު، އެންސްޕާގެ އެހީ ހަމަޖެހި، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށްޓަކައި ޗާޓަރު ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

