ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސްވެރިޔާ، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ގަބޫލުކުރައްވާފައެވެ.
ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ކަން ފުލުހުންގެ އިސްވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ އަންގަވާފައެވެ. މި އިސްތިއުފާ ދެއްވަން ނިންމެވީ މިމަހުގެ 18 ވަނަ ދުވަހު ހެނދުނު ގެއެއްގެ ފުރާޅުމަތިން ވެއްޓުނު ހައްވާ ޔުމްނާގެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށެވެ.
މި މައްސަލައިގައި ފުލުހުން ރަނގަޅު، ދެފުށް ފެންނަ ތަހުގީގެއް ނުހިންގާ ކަމަށް ބުނެ ޒުވާނުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދާއިރު، ނުވަވަނަ ފަންގިފިލާއިން ވެއްޓި ޔުމްނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އެހީތެރިކަމާއެކު އޭނާ މެލޭޝިއާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އަލީޝުޖާއު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ. އޭރު އޭނާ ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
ޝުޖާއަކީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ، ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ. އަދި އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގްރެޖުއޭޓެއްވެސް މެއެވެ.

