ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރުމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޮމިޝަނަރުގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރެއްވުމަށް ފަރުހާދު ފިކުރީއާ ހަވާލުކުރެވިފައިވަނީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، ޕޮލިސް ކޮމިޝަނަރު ޝުޖާއު ހުށަހެޅުއްވި އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުފުޅުކުރައްވާފައެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނާ (21) ވެއްޓުނު މައްސަލައިގެ ތަޙުޤީޤާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
މި ހާދިސާއާ ގުޅިގެން ޒުވާނުން ވަނީ މާލޭގައި ސިލްސިލާކޮށް މުޒާހަރާތައް ކުރަމުންނެވެ. އަދި މުޒާހަރާކުރާ ފަރާތްތަކުން ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލާފައެވެ

