ކީރިތި ގުރުއާން ހިފްޒު ކުރާ މީހުންގެ ދަފްތަރެއް އެކުލާވާލުމަށް މަސައްކަަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެގޮތުން، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވިގޮތުގައި، މާލެ އާއި އަތޮޅުތަކުގެ ގުރުއާން ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން މިވަގުތު ގުރުއާން ހިތުދަސް ކުރަމުންދާކަމަށް ލަފާ ކުރެވޭ ކަމަށާއި މިކަމަށް ހާއްސަ ދަފްތަރެއް އެކުލަވާލަމުންދާ ކަަމަށެވެ.
ވަޒީރު ޝަހީމް ވަނީ އަތޮޅުތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހުން ފެށިގެން ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދެވޭނެ ރަށްތަކަކީ:
- ހއ. ދިއްދޫ
- އއ. ފެރިދޫ
- ހދ. ކުޅުދުއްފުށީ
- ދ. ކުޑަހުވަދޫ
- ބ. އޭދަފުށި
- ރ. އުނގުފާރު
- ގދ ތިނަދޫ
- ސ. ހިތަދޫ
- ލ. ގަން
ހަމައެއާއެކު، ގުރުއާން އުނގަންނައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ގުރުއާން މަރުކަޒުގެ ގޮފިތަކާއި ގިނަ އަހަރުތަކެއް ވަންދެން ގުރުއާން ކިޔަވާދިނުން ހުއްޓިފައި ހުރި ރަށްތަކާއި ގުރުއާން މަރުކަޒުތަކުގައި ގާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން، މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތައް:
- ނ. ވެލިދޫ
- ތ. ކިނބިދޫ
- ތ. ގުރައިދޫ
- ރ. މަޑުއްވަރީ
- ގދ. ގައްދޫ
- ދ. މީދޫ
- ހއ. އުތީމު
- ލ. އިސްދޫ ކަލައިދޫ
މި ރަށްތަކުގެ ގުރުއާން މަރުކަޒުގެ ގޮފިތަކަށް، އަންނަ މަހުން ފެށިގެން ގުރުއާން ޓީޗަރު ހަމަޖެހިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

