ޓިކްޓޮކް ސެލެބްރިޓީ ޝެހެނާޒް (ޝެހޭ) ގެ ލައިވްގެ އެހީތެރިކަމާއެކު ޔުމްނުގެ އާއިލާއަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދަދީފިއެވެ.
ގެއެއްގެ ފުރާޅުމަތީގައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ޔުމްނުގެ ބޭސްފަރުވާއަށް ބޭނުންވާ ހަ ލައްކައަށްވުރެ ގިނަ ރުފިޔާ، ޝެހޭގެ ލައިވްގެ އެހީގައި ކުރި މަސައްކަތުން އެންމެ ދެ ގަޑިއިރުގެ ތެރޭގައި މިވަނީ ހޯދައިދީފައެވެ.
ޝެހޭގެ ލައިވްގައި ހިންގުނު ފަންޑްރެއިޒިންގ ހަރަކާތުގައި ހަތަރު ލައްކަ 80 ހާހަށްވުރެ ގިނަ ރުފިޔާ އަދި 9,900 އަށްވުރެ ގިނަ ޑޮލަރު ހޯދައިދީފައިވެއެވެ. އެހެންކަމުން ޖުމްލަ ހަ ލައްކައަށްވުރެ ގިނަ ރުފިޔާ މިވަނީ ޔުމްނުގެ ފަރުވާއަށް ހޯދައިދެވިފައެވެ.
ޔުމްނުގެ އާއިލާއިން މަޢުލޫމާތު ދޭ ގޮތުގައި، އިތުރު ފަރުވާއަށް ޔުމްނު މެލޭޝިޔާއަށް ގެންދިއުމަށް ހުރިހާ ޚަރަދެއް ސަރުކާރުން ކުރިން ދޭނެކަމަށް އެންގި ނަމަވެސް ފަހުން އެކަން ވާން ނެތް ކަމަށް އަންގާފައިވެއެވެ. ނަމަވެސް ސަރުކާރުން 25 ހާސް ޑޮލަރު ޖަމާކޮށްދީފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
މި ފަންޑްރެއިޒިންގ ހަރަކާތުގެ އިތުރުން، އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ޔުމްނުގެ ފަރުވާއަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ޔުމްނުގެ އާއިލާއިން ޝުކުރުވެރިކަމާއެކު ފާހަގަކުރި ގޮތުގައި، މި ފަންޑްރެއިޒިންގ ހަރަކާތުން ހޯދައިދެވުނު ފައިސާއަކީ ޔުމްނުގެ ފަރުވާއަށް އިތުރަށް ބޭނުންވެފައިވާ ހަ ލައްކަ ރުފިޔާއެވެ. މިކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

