އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން ކަމަށާއި އަންހެނުންގެ ޙަޤީޤީ ދައުރާ ނުލައި މުޖުތަމަޢެއް އިޞްލާޙުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވިގޮތުގައި، ގަރލް ގައިޑް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާޢީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށާއި، ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއްކަމަށެވެ.
އަދި މި ހަރަކާތަކީ ކޮންމެ މުޖުތަމަޢަކަށްވެސް ބޭނުންތެރި މުހިންމު ހަރަކާތެއްކަމުގައި ފާހަގަކުރައްވައި ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން، ގަރލްގައިޑްސް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަމަށާއި، ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިޙްސާސްކޮށްދޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވިގޮތުގައި، އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި އަންހެނުންގެ ޙަޤީޤީ ދައުރާ ނުލައި މުޖުތަމަޢެއް އިޞްލާޙުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫންކަަމަށެވެ.
އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ހަމައެއާއެކު، ދިވެހި އަންހެނުން ޤައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ ޢިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.

