އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް މެދުކަނޑާލުމަށްފަހު، އަނެއްކާވެސް ހަމަލާތައް ދޭން ފެށިފަހުން، މުޅި ޣައްޒާއިން ކާބޯތަކެތި ހުސްވެފައިވާ ކަމަށް އދ. ގެ ކާބޯތަކެއްޗާ ބެހޭ އިދާރާ އިން ބުނެފިއެވެ.
އެ އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޣައްޒާގައި ބާކީ ހުރި ކާބޯތަކެތީގެ ސްޓޮކް ކާނާ ތައްޔާރުކުރާ ތަންތަނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ތަކެތިވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުސްވާނެ ކަމަށެވެ.
ޑަބްލިޔުއެފްޕީގެ މަންދޫބެއް ވިދާޅުވީ އެ އިދާރާއިން މީގެ ކުރިން ޣައްޒާގެ 400،000އެއްހާ މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދެމުން ދިޔަ ކަމަށެވެ. ޣައްޒާގައި ޙަރަކާތްތެރިވާ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭ ގޮތަށް އެއް މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދެމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
އދ. އިން އުފައްދާފައިވާ އިދާރާ އުންރްވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ސިޔާސީ މަޤުޞަދުތަކެއް ހާސިލު ކުރުމުގެ ނިޔަތުގައި ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖައްސަމުންދާ ކަމުގައި ވިދާޅުވެ، އޭނާ ވަނީ އެކަން ކުށްވެރި ކުރައްވައިފައެެވެ.
ހަމާސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމުގެ މަޝްވަރާތަކަށް ހަމާސްގެ އިސް ވެރިން މިސްރުގެ ވެރިރަށް ގާހިރާއަށް ވަޑައިގެންނަވާފައިވާ ކަމަށެވެ. މި ބައްދަލުވުންތައް ފެށީ ގަަތުލުއާންމު ނިމުމަކަށް ގެނައުމަށާއި، ފުޅާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށެވެ. މީގެއިތުރުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ ބަނޑުހައިނޫކަމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އިންސާނީ އެހީއާއި ކާބޯތަކެއްޗާއި ސިއްހީ ސާމާނު ޣައްޒާއަށް ފޯރުކޮށްދިނުމާއި ބެހޭ ގޮތުން ވެސް މި މަޝްވަރާތަކުގައި ވާހަކަ ދައްކާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އިސްރާއީލުން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުއެވެ. އިސްރާއީލު ސިފައިންނާއި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އިސްރާއީލުން ވަނީ އެއްބަސްވުމާ ޚިލާފުވެ މިދިޔަ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ.
އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުން ވަނީ ފަލަސްޠީނުގެ 51،000 އަށްވުރެ ގިނަ މުސްލިމުން ޝަހީދު ކޮށްލައިފައެވެ.

