ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ދިވެހި ފުލުުހުންގެ ޚިދުމަތުން އިސްނަންގަވައިގެން އިއްޔެ ހިންގި “އެކުގައި ވަމާ” ހަރަކާތުގައި އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިވެއްޖެއެވެ.
މި ހަރަކާތަކީ ދިވެހި ފުލުހުންގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމުޢިއްޔާތަކާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަފާތު އެކި ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދެވުނު މި ހަރަކާތަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. “އެކުގައި ވަމާ” ހަރަކާތުގައި ގިނަ އަދަދެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޢާއިލާތައް ބައިވެރިވެފައިވާއިރު މި ހަރަކާތް ވެގެންގޮސްފައިވަނީ އެންމެންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ހަރަކާތަކަށެވެ.

