ޖައްމޫ، ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި، އިންޑިއާ ފުލުހުން ހިންގަމުންދާ ވަރުގަދަ އޮޕަރޭޝަންގެ ތެރެއިން 175 މީހަކު ހައްޔަރު ކޮށްފިއެވެ.
އެ ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރުވެފައިވާއިރު، 36 މީހަކު ވަނީ ޒަޚަމުވެފައެވެ. ގިނައީ ފަތުރުވެރިން ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާން ކަމަށް ދޭހަވާ ގޮތަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވާހަކަދައްކައި އިންޑިއާ ޕާކިސްތާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފެށުމުންގެ ސަބަބުން، ޕާކިސްތާނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރާކަމުގެ ތުހުމަތު ޕާކިސްތާނުން އިންޑިއާގެ މައްޗަށް ވަނީ ކޮށްފައެވެ.
ޕާކިސްްތާނުގެ ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ޕަހަލްގާމްގެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވަން އިންޑިއާ މަސައްކަތް ކުރުމަކީ ޕާކިސްތާނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގެ ފަހަތުގައި އިންޑިއާ އޮތްކަން އޮޅުވާލައި ޓެރިޒަމަށް ވާގިވެރިވުމުގެ މަސްއޫލިއްޔަތުން އިންޑިއާ ރެކިގަތުމަށް މޯދީ ޖެއްސެވި މަޅިއެއް ކަމަށެވެ.
މީގެ އިތުރުން، އިންޑިއާއިންވަނީ ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލިކަން ވެސް އިއުލާންކޮށްފައެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާ ފުލުހުންނާއި އަސްކަރިއްޔާ އާއި އިތުރު ސަލާމަތީ ބާރުތަކުން ގެންދަނީ ކަޝްމީރުގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް ކޯޑަން އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

