މައިލޯ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގައި، 17 ކްލަބަކުން 250 އެތުލީޓުން ވާދަކުރިއިރު، 56 އިވެންޓެއް ކުރިއަށްދިޔަ އެވެ.
މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދެ ސްޓޭޓް މިނިސްޓަރުންކަމަށްވާ ޢަބްދުއްރައްޒާޤު އިބްރާހީމް، އާއި މުޙައްމަދު ރިޔާޟް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން އެވެ. އަދި އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް އެވެ. މީގެ އިތުރުން، ޖޫނިއަރ ކެޓެގަރީން އެންމެ މޮޅު ފިރިހެން އެތުލީޓަކީ، މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމް އެވެ. އަދި، ޖޫނިއަރ ކެޓެގަރީން އެންމެ މޮޅު އަންހެން އެތުލީޓަކީ، އައިމިނަތު އައުހާ އަބްދުލް ރަހުމާން އެވެ.
ޖޫނިއަރ ކެޓެގަރީން އެންމެ މޮޅު ޓީމުގެ ޓްރޮފީ ލިބިފައިވަނީ، ފިރިހެން ބައިން އައްޑޫ އެތުލެޓިކްސް އަދި އަންހެން ބައިން، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. އަދި، ސީނިއަރ ކެޓަގަރީން ފިރިހެން ބައިން އެންމެ މޮޅު ޓީމަކީ، ސިފައިންގެ ކްލަބް އެވެ. މިއީ، ޖެހިޖެހިގެން އެ ޓީމުން މި މަގާމު ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި، ޖުމްލަ އެކު ފަސް ވަނަ ފަހަރެެވެ. މި ކެޓަގަރީން އެންމެ މޮޅު އަންހެން ޓީމަކީ، އައްޑޫ އެތުލެޓިކްސް އެވެ.

