އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު ކަމަށްވާ ޝަހީދު ރަޖާއީ ޕޯޓުގައި އެއްޗެއް ގޮވައި، 28 މީހުން މަރުވެ، 800 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ނުރައްކާތެރި އަދި ކެމިކަލް މާއްދާތައް ރައްކާކުރާ ގުދަނެއްގައި އަލިފާން ރޯވުމާއި ގުޅިގެން ހިނގި މި ހާދިސާގެ ސަބަބުން ވިޔަފާރި ބަނދަރުގެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
މި ސަރަހައްދުގައި އޮތް ވެހިކަލެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ވެސް ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ގޮވުމުގެ ޝިކާރައަކަށްވެ، މަރުވި މީހުންނަށް ހަމްދަރުދީ ފާޅުކުރައްވައި، މި ހާދިސާ ތަހުގީގު ކުރުމަށް އަމުރެއް ނެރުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެގައުމުގެ ގައުމީ އިމަޖެންސީ އެޖެންސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހަކު އިތުރު ފަރުވާއަށް ޝިރާޒް ސިޓީގެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެެ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މި ހާދިސާގެ ސަބަބުން އައްބާސް ސިޓީގެ ސްކޫލްތަކާއި އޮފީސްތައް އާދީއްތަ ދުވަހު ބަންދުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައިވެއެވެ.
މި ހާދިސާ ހިނގާފައިމިވަނީ އީރާނާއި އެމެރިކާގެ މެދުގައި ނިއުކްލިއަރ ޕްރޮގްރާމާ މަޝްވަރާތަކެއް އޮމާންގައި ކުރިއަށްދަނިކޮށެވެ.

