ނިމިދިޔަ މާރޗް މަހު އެންމެ ގިނައިން ހުށަހެޅުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، 65 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. މި ބާވަތުގެ 16 މައްސަލައެއް ހުށަހަޅާފައިވާިއިރު، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 14 މައްސަލައާއި ކުޑަކުދިންނަށް އިހުމާލުގެ 12 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު، މި މައްސަލަތަކުގެ ތެރޭގައި ގަނާކުރުން ނުވަތަ ބުލީކުރުމުގެ މައްސަލަތައްވެސް ވެއެވެ. މިގޮތުން، ގަނާކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އާއި ނަފްސާނީ އަނިޔާގެ ހަތް މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށްކުރާ ސައިބާ ބުލީގެ އެއް މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

