ނ. ވެލިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ.
އާރްޑީސީން މައުލޫމާތު ދެމުން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން މިވަގުތު ފައުންޑޭޝަން ކޮންކްރީޓް ލުމާއި ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ އެންމެހާ ސާމާނު މި މަހުގެ 9 ވަނަ ދުވަހު ވަނީ އެރަށަށް ގެންގޮސްފައެވެ.
ސަރުކާރުން މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި ސެންޓަރަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތެއް ކަމަށް ބެލެވެއެވެ.
ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން ރާވާފައިވާ މުހިންމު މަޝްރޫޢުތަކެކެވެ. މި ސެންޓަރުތަކުން އެކި ބާވަތުގެ ފަރުވާއާއި ރިހެބިލިޓޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

