ޤުރުއާނުގެ ޢިލްމު ފެތުރުމަށް ފެށި މިސްކިތު ޤާރީ ކިލާސްތައް ހިންގުމަށް މިހާތަނަށް 34 ފަރާތަކަށް ހުއްދަދީފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި ކިލާސްތައް މިހާރު ވަނީ ރާއްޖޭގެ 29 އަށްވުރެ ގިނަ ރަށުގެ މިސްކިތްތަކުގައި ފެށިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ. އަދި ކިލާސް ހިންގުމަށް ޝައުގުވެރިވެ ގިނަ ފަރާތްތަކަކުން އެކަމުގެ ހުއްދައަށް އެދެމުންދާކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި ކިލާސްތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ފެށިފައިވާ މަޝްރޫޢެކެވެ. “އިސްލާމް ދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެއް” ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ޤުރުއާން ކިޔަވައިދެއްވަން ބޭނުންވާ އިމާމުން ގިނައެވެ. ނަމަވެސް މީގެ ކުރިން އެ އިމާމުންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޤުރުއާން ކިޔަވައިދޭނެ ޖާގަ ނެތުމެވެ. މި ކިލާސްތަކާއެކު މިހާރު އެ ފުރުސަތު ވަނީ ފަހިވެފައެވެ.
މީގެ ކުރީގެ އަހަރުތަކުގައި މާލެއާއި ބައެއް ރަށްރަށުގައި މިފަދަ ކިލާސްތައް ހިންގި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ ކިލާސްތައް ހިންގިފައެއް ނުވެއެވެ. ނަމަވެސް މިހާރު މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމަށް ސަރުކާރުން ވަނީ ޔަޤީންކަން ދެއްވާފައެވެ.

