މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ “ޝޯ ޔޯ ރެޑްސް ލޯކަލް” ފޮޓޯ މުބާރާތުން މޮޅުވި ދެ ދިވެހިން ކަމަށްވާ އަލީ ޝަހުދު އާއި އަބްދުﷲ އަހްނަފް ވަނީ އެންފީލްޑްގައި ކުޅޭ މެޗެއް ބެލުމަށް ހުކުރު ދުވަހު ދަތުރު ފަށައިފިއެވެ.
އޭޕްރީލް 13 އިން 20 އަށް ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ބޭއްވި މި މުބާރާތުގައި، ބައިވެރިންނަށް އިޖުތިމާއީ ވިއުގަތައް މެދުވެރިކޮށް ލިވަޕޫލް އެފްސީއަށް އޮތް ލޯބި ހިއްސާކުރުމުގެ ފުރުސަތު ދިނެވެ. މުބާރާތުގައި ބައިވެރިވުމަށް ސަޕޯޓަރުން ވާންޖެހެނީ ރަސްމީ އެލްއެފްސީ ގިއާ ނުވަތަ ފޭސް ޕެއިންޓް ބޭނުންކޮށްގެން ނަގާ ފޮޓޯތަކުގައި #ShowYourRedsLocal ހޭޝްޓެގް ބޭނުންކޮށް، ވިޒިޓް މޯލްޑިވްސް އަދި ލިވަޕޫލް އެފްސީގެ ރަސްމީ ޕޭޖްތަކަށް ޓެގްކުރުމަށެވެ.
މި މުބާރާތަކީ އުފެއްދުންތެރިކަމާއި ޖޯޝާއި އިޖުތިމާއީ ބައިވެރިވުމަށް ބާރުއެޅުމުގެ މަގްސަދުގައި ބޭއްވި މުބާރާތެކެވެ. ނަސީބުވެރިން ހޮވާފައިވަނީ ފޮޓޯކޮލިޓީ، އޮރިޖިނަލިޓީ އަދި ފޭން ސްޕިރިޓްގެ ޖުމްލަ ޑިސްޕްލޭއަށް ބަލައިގެންނެވެ. މި މުބާރާތަކީ ލިވަޕޫލް އެފްސީއާއެކު ވިޒިޓް މޯލްޑިވްސްއިން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ޕާޓްނާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލް އެފްސީގެ ޕާޓްނާޝިޕްގެ ދަށުން ކުރިއަށްދާ “ވިން އަ ހޮލިޑޭ ޓު މޯލްޑިވްސް” ކެމްޕެއިނަށް މައި އެލްއެފްސީ ފޭން އެޕް މެދުވެރިކޮށް 50،000 އަށް ވުރެ ގިނަ އެންޓްރީ ލިބިފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ޕާޓްނާޝިޕް އިއުލާނުކުރި ފަހުން ވިޒިޓް މޯލްޑިވްސްއިން ވަނީ އެންމެ ހަފުތާއެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި 80 މިލިއަނަށް ވުރެ ބޮޑު ރީޗްއެއް ހޯދާފައެވެ.
މި ކެމްޕޭނަކީ ރާއްޖޭގެ އައްސޭރިފަށުން ފެށިގެން އެންފީލްޑްގެ ސްޓޭންޑްތަކާ ހަމައަށް ކުޅިވަރުގެ އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދިނުމުގައި ލިބުނު މާނަހުރި ކާމިޔާބީއެކެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ފުޓުބޯޅައަށް ޝައުގުވެރިވާ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށިގެންވާ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ފާހަގަވެފައެވެ.

