ލާމު އަތޮޅު ކައުންސިލުން މިއަދު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި އާރްޑީސީން ލާމު އަތޮޅުގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
އާރްޑީސީން މީޑިއާއަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ، ލާމު އަތޮޅު ކައުންސިލްގެ ރައީސް އަދި މެންބަރުން ބައްދަލުކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އަދި އެހެނިހެން އިސް ފަރާތްތަކާ ކަމަށެވެ.
ލާމު އަތޮޅުގައި މިވަގުތު އާރްޑީސީން އެންމެ ބޮޑު އެއް މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްދަނީ ގަމުގެ މަގު ހެދުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރޭގައި ގަމުގެ ފޭސް 2 ސަރަހައްދީ މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި، މަގު ކޮނުމާއި، ބެކް ފިލިންގްގެ މަސައްކަތް ހިމެނެއެވެ.
އާރްޑީސީން މިވަގުތު ދެކުނުގެ ޖުމްލަ ހަ ރަށެއްގައި މަގު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެއެވެ. މީގެ ތެރޭގައި ތ. ތިމަރަފުށި، ލ. ގަން ފޭސް 2، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި ފޭސް 2، ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫގައި ޒަމާނީ ފެންވަރުގެ މަގުތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި ބައްދަލުވުމަކީ އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

