އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އެއްބަސްވުމެއްގައި މެލޭޝިއާއާއެކު ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަކަށްފަަހުގަައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާއެކު ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، “ޞިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ކުޅިވަރާއި ފައިނޭންޝަލް ސަރވިސަސްގެ ދާއިރާގެ އިތުރުން ޑިޕްލޮމެޓުން ތަމްރީނުކުރުމާ މެދު” މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.
މީގެއިތުރުން، ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުސަތުތަކާ ބެހޭގޮތުން މެލޭޝިއާގެ އިންވެސްޓަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެވިފައެވެ. މިގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންއާއި ރާއްޖޭގެ ޑިޖިޓަލް އަދި މެރިޓައިމް އިކޮނޮމީއާއި ފައިނޭންޝަލް ސަރވިސަސްތަކުގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ދެ ޤައުމުގެ ވެރިންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މުހިންމު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް މުޢިއްޒުގެ މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

