ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ބިލްޑް އެކްސްޕޯ 2025ގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް "އެންމެ އުފެއްދުންތެރި ޕްރޮޑަކްޓް ޑިސްޕްލޭ ސްޓޯލް" ގެ އެވޯޑު ލިބިއްޖެއެވެ.
މި މަހުގެ 24 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ރަސްމީކޮށް ފައްޓަވައިދެއްވި މި އެކްސްޕޯގައި، އާރްޑީސީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އެ ކުންފުނިން އުފައްދާ އުފެއްދުންތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެ ކުންފުނީގައި މިވަގުތު އޮތް ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން މުހިންމު މަޢުލޫމާތުތައްވެސް ހާމަކޮށްފައިވެއެވެ.
އެވޯޑު ލިބުމާ ގުޅިގެން އާރްޑީސީން ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވަނީ އެކްސްޕޯގެ ފުރުސަތަށްޓަލައި ޕްލޭނިންގ މިނިސްޓްރީއަށް ޝުކުރު އަދާކޮށް އެކުންފުނީގެ ހިތްވަރުގަދަ ޓީމަށް ޝުކުރު ދަންނަވާފައެވެ.
"މި ފުރުސަތު ދެއްވި ކަމަށްޓަކައި ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއަށް ޝުކުރު އަދާކުރަމެވެ. އަދި މި ކާމިޔާބީ ހޯދައިދިނުމަށް އިސްތިސްނާ މަސައްކަތެއް ކުރި އާރްޑީސީގެ ޓީމަށް ފަޚުރުވެރިވަމެވެ." އާރްޑީސީ
އާރްޑީސީގެ ސްޓޯލުން ސްކޫލް ނިންމާ ކުދިންނަށް ހުރި އިންޓާންޝިޕް ފުރުސަތުތަކާއި، "ބިނާވެށި" ޕްރޮގްރާމާ ގުޅޭ މަޢުލޫމާތުގެ އިތުރުން، އެ ކުންފުނިން އުފައްދާ ގައު އަދި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކުގެ މަޢުލޫމާތާއި، ރިސޯޓުތަކަށް ބޭނުންވާ އުފެއްދުންތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 60 އެގްޒިބިޓަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ޗައިނާގެ ކުންފުނިތައް ހިމެނެއެވެ.

