އޮޅުވާލައިގެން ފޭސްބުކް މެދުވެރިކޮށް ފައިސާ ހޯދަމުންދިޔަ “ދީނުގެމަގު” ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓެއް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފަޅާ އަރުވާލައިފިއެވެ.
މި އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބަލިމީހަކު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އެ ހޮސްޕިޓަލުން އިތުރު ފަރުވާއެއް ނުދެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، ޓްރެވިންޑްރަމްގެ ކެންސަރު ހޮސްޕިޓަލަށް ބަލިމީހާ ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިކަމަށް ބޮޑު ޚަރަދެއް ހިނގާނެތީ، އެހީތެރިކަމަށް އެދިފައިވެއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވިދާޅުވެފައިވަނީ މިއީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ އެކައުންޓެއް ކަމަށެވެ. އަދި މި އެކައުންޓުން ކޮށްފައިވާ އެހެން ޕޯސްޓުތަކެއްވެސް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވެއެވެ.
އެންޓި ސްކޭމް ސެންޓަރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕޯސްޓް ރިމޫވްކުރުމުގެ މަސައްކަތް ފުލުހުންގެ ޚިދުމަތުގެ ފަރާތުން ދަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިފަދަ ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ރައްޔިތުންނަށް މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

