ޕާޓީ ޑްރަގްސްއަކީ ރައްކާތެރި އެއްޗެއްގެ ގޮތުގައި، އެ ބޭނުންކުރާ މީހުން ގަބޫލުކުރިއަސް، އެއީ ފުރާނައަށް ނުރައްކާތެރި އެއްޗެއް ކަމަށްވާތީ އޭގެން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެންޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީ ޑްރަގްސް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި އެ ނޫންވެސް މަސްތުވާ ބާވަތްތައް ބޭނުންކުރަމުންދާއިރު ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައިވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ކަމަށެވެ. އަދި ޒުވާނުންގެ މެދުގައި މި ފަހަކުން މަޝްހޫރުވެގެން ދިޔަ ޕާޓީކުރުމުގެ ޓްރެންޑުގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެންޑީއޭއިން ބުނީ ފަރުވާއަށް އެދޭ ގިނަ ޒުވާނުންގެ ފަރާތުން އެނގުނު ގޮތުގައި، އެ މީހުން ޕާޓީ ޑްރަގްސް ބޭނުން ކުރަނީ ދޭތެރެ ދޭތެރެއިންނެވެ. ނަމަވެސް، އެކަމުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފައި، އެކި ބާވަތްތަކުގެ މަސްތުވާތަކެތީގެ ތެރެއަށް ވަދެ ނަފްސާނީ އަދި ޖިސްމާނީ އެތައް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
“އެހެންކަމުން، ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެ ނޫންވެސް މަސްތުވާ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަ ގެއްލިދިއުމުގެ ނުރައްކާ އޮތް ކަންކަމަށް ވާތީ، އެ ކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ. އަދި މަނާކުރެވިފައިވާ މަސްތުވާތަކެއްޗާ އެފަދަ ނުރައްކާތެރި އާދަތަކާ ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ،” އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެންޑީއޭއިން އިތުރަށް ފާހަގަކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް އެއްޗެއް ކަމަށެވެ. އަދި ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމުގެ ގޯސް އާދަޔާ ގުޅިފައިވާ ޑްރަގް އިންޖެކްޓްކުރުން ފަދަ ކަންތައްތަކަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް ހުޅުވިފައިވާ ދޮރެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

