ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާކަން ފާހަގަކުރެވިފައިވާތީ، އެ ސަރަހައްދަށް މޫދަށް ނޭރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައްސަލައެއް ރިޕޯޓުކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ނަމަވެސް މި ސަރަހައްދަށް ކަޅުތެޔޮ އެޅުނު ގޮތާއި، މިކަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން މިވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ބަލައި ތަހުގީގުކޮށް ނިމި، ރަސްފަންނު މޫދު ސަރަހައްދު ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ހާލަތަކަށް އަންނަންދެން އެ ސަރަހައްދަށް މޫދަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

