އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ ފަރާތުން މިހާރު ތަހުގީގަށް އެއްބާރުލުން ލިބެމުންދާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ކޯޓު އަމުރަކަށް އެދުނު އިރު، ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވުމާއި، މަސްތުގެ ހާލަތުގައި ހުރުން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އަނިޔާވި ޔުމްނު އެންމެ ފުރަތަމަ ދިޔައީ މއ. މާންދުގެދެކުނުގެއަށެވެ. އެ ގެއަށް ޔުމްނުއާއި ރައުދުގެ އިތުރުން ހަތް ޒުވާނަކު ދިޔައީ “ޕާޓީ”އެއްގައި ބައިވެރިވުމަށް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ދެ އިސް މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ބުރި އާއި ގ. ކަށިވެލީގެ ތިންވަނަ ބުރި ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި ހާދިސާގައި އަނިޔާވި ޔުމްނުއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ވަނީ ފުރުވާލާފައެވެ

