އިމާރާތުގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް އުފައްދާފައިވާ ހާއްސަ ކޮމިޝަނަށް އިތުރު ތިން މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
އަލަށް އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ
- އައިޖީއެމްއެޗްގެ ސީނިއަރ ފިޒީޝަން ޑރ. މޫސާ މުރާދު
- ހުޅުމާލެ ހޮސްޕިޓަލްގެ ނާސިންގ ޑިރެކްޓަރ ޖަބީން މުހައްމަދު
- އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް
މި ތިން މެންބަރުން އިތުރުކުރެއްވުމާއެކު މިހާރު އެ ކޮމިޝަނުގައި ޖުމްލަ ފަސް މެންބަރުން ތިއްބެވި އެވެ. އެގޮތުން ކުރިން އައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.
މި އައްޔަންކުރެއްވުމާއެކު، ކުރިން ކޮމިޝަނުގައި ހިމެނިވަޑައިގެންނެވި ޑރ. މުހައްމަދު ހަބީބު ވަނީ އެ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ. “ޑރ. ހަބީބު ވަކިވެވަޑައިގަތީ، ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ” ކަމަށް ވެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް ރައީސް މުއިއްޒު މި ކޮމިޝަން އުފެއްދެވީ މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށެވެ.

